Back

އޭ ރީތި ކޮކާ!

2021-10-24 . Written by Yameen

އޭ ރީތި ކޮކާ! ކޮންއިރަކުންހޭ ބޮޑުވާނީ

ދޭހަށް ފިޔަތައް ހުޅުވާލާ ހިންދެމިލާނީ

.

ފިޔަތަކުގެ އަޖައިބުން ލޯތައް ކުރަމުން އާޝޯޚް

ތިޔަ ހަރަކާތުން ޖައްވު އެކީ ފަޅު ފިލުވާނީ

.

ވައިގައި ހުރި ތެތްކަމުގެ އަރާމުން ވެވި ތާޒާ

ގައިދެއް ނެތި އެ ފަޒާގެ ތެރޭ އުދުހި އުޅޭނީ

.

މާމަލުގެ ވަހާ ރަހަޔާ އަދި އޭގެ ތަފާތާ

މާހައުލު ދިރާސާ ކޮށްލާ ދަސްކޮށްލާނީ

.

ޖެހިގެން ނާޒުކު ފިޔަތައް ހޫނާއި އަވީގައި

ފިހިދާނޭތީ ހެއްޔޭ ތިޔަހެން އޮންނާނީ

.

އަންނާށެ! މި ހޫނާއި ފިނީގައިވެ ނަށާލަން

ދަންނާށެ! އުފާ، ހޯދިއްޔާ ނޫންހެ ލިބޭނީ

.

އައު އެންމެ ކަމެއް ނުމެ ދެކި، ދުނިޔޭން ފަރުދާ ވެވި

ޕިއުޕާގެ ދުލީގައި އޮވެހެއްޔޭ މަރުވާނީ