Back

ޙަކީމީ ފިލާވަޅެއް

2021-11-22 . Written by Yameen

Featured Image

image by Jacopo Oddi from La Franceschina codex

އެއްޒަމާަނެއްގައި ބައްރުތަކުގެ ތެރެއިން ބައްރެއްގައި އާބާދުވެފައި އޮތް ރަށެއް އޮތެވެ. މި ރަށުގެ މީހުންނަކީ ވެރީންނަށް ނުހަނު ކިޔަމަން ގަންނަ ބަޔެކެވެ. މިބައިމީހުންގެ ތެރޭގައި މަދުވާ އެންމެ ބޮޑު ކަމަކީ ތައުލީމެވެ. ލިޔަންކިޔަން ދަންނަނީ ހައެއްކަ މީހުނެވެ. ހިސާބު ކިތާބާއި، ބޭސްވެރިކަމާއި، މިފަދަ ފަންނުތަކުގެ ތަންދޮރު ފިލާ މީހަކު އަމުދުން ނެތްމެއެވެ.

ކޮންމެއަކަސް، މިބައިމީހުން މިހެއް ތިއްބާ، ވަރުގަދަ ބަލިމަޑުކަމެއް މުޅި ރަށުގައި ފެތުރިގެންފިއެވެ. މި ބަލީގައި ވާގޮތަކީ، ގަދަޔަށް ހުންއައިސް، ބޭރަށް ހިންގާ، ވަރުދެރަ ވަނީއެވެ. ފަހެ، މިބަލިމަޑުކަމުގައި ރަށުގެ ޚާއްސުންނާއި އާންމުން ޖެހި، އާންމު ހާލަތު ވަރަށް ގޯސްވެއްޖެއެވެ. ބޭސްވެރިކަމެއް، ފަންޑިތައެއް ދަންނަ މީހަކު ރަށުގައި ނެތްކަމުން ކުރާނެ ފަރުވާއެއްނެތި، މީހުންތައް މަރުވަމުން ގޮސް ރަށް ފަޅުވެދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.

މިހާ ހިސާބަށް ކަންތައް ދިއުމުން ރަސްގެފާނުން ނިންމެވީ ރަށުގައި ގަދަވެ ސަލާމަތުން ތިބި ދެ މީހަކު ދުރު ރަށަކަށް ފޮނުއްވަވާށެވެ. އެއީ އެރަށުގައި ހުންނަވާ މާ މޮޅު ޙަކީމެއްގެ އަރިހަށެވެ. މި ބައްޔަށް ބޭހެއް ނުވަތަ ފަރުވާއެއް މި ޙަކީމުކަލޭގެފާނުގެ ފުށުން ލިބޭތޯއެވެ.

މި ދެ މީހުންނަށް ޙަކީމުކަލޭގެފާނުގެ ރަށަށް ދެވުނީ ސާޅީސް ރޭ، ސާޅީސް ދުވާލުގެ ދަތުރަކަށްފަހުއެވެ. ހަމަ އެ ރަށަށް ދެވުމާއެކު، ލަސްނުކޮށް ޙަކީމުކަލޭގެފާނުގެ އަރިހަށް ގޮސް އެމީހުންގެ މުހުތާދު ދަންނަވައިފިއެވެ. ހަކީމުކަލޭގެފާނު މިމީހުންގެ ކިބައިން ރަށުގެ ބައެއް މައުލޫމާތު ސާފުކުރެއްވުމަށް ފަހު ބޭހެއް ތައްޔާރުކުރައްވަން ފައްޓަވައިފިއެވެ. މި ބޭސް ތައްޔާރުކުރައްވާ ނިމުނުކަމަށްވީ އޭގެ ތިން ދުވަސް ފަހުންނެވެ. މި މުއްދަތުގައި އެއްކަލަ ދެމީހުން ވެސް ޙަކީމުކަލޭގެފާނުންގެ ގޭގައި ނިދާ، ކައިބޮއެ އުޅުނީއެވެ.

ބޭސްހަދާ ނިމުމުން ކަންވާރެއްގައި ބަންދުކޮށްފައި، ދެ މީހުނާއި ހަވާލުކޮށްފައި ވިދާޅުވެއްޖެއެވެ. "ކަލޭމެންގެ ނަސީބު ރަނގަޅުކަމުން ތިޔަ އާދެވުނީ ވަރަށް ރަނގަޅު ދުވަސްވަރެއްގައެވެ. މިއީ ކޮންމެ ކޮންމެ އިރަކު ހެދޭނެ ބޭހެއް ނޫނެވެ. ދެން މި ބޭސް ހިފައިގެން އަވަހަށް ރަށަށް ދާށެވެ. ތިޔަ ކަންވާރުގައި ހުންނާނީ ތިޔަ ރަށުގެ ކޮންމެ މީހަކަށް ސަމުސަލެއްގެ މިންވަރެވެ. އެވަރުން ބަލި ފަސޭހަ ވާނެއެވެ. ސަމުސަލަކަށް ވުރެ މަދުން ދީފި ނަމަ މީގެ އަސަރެއް ނުކުރާނެކަން ވެސް ހަނދާން ކުރައްޗެވެ." މިހެން ވިދާޅުވެފައި އެ ދެމީހުން ފޮނުއްވާލައްވައިފިއެވެ.

ދެން މި ދެމީހުން އަނެއްކާވެސް ސާޅީސް ރޭ ސާޅީސް ދުވާލު ދަތުރުކުރުމަށްފަހު، އެނބުރި ރަށަށް އަތުވެއްޖެއެވެ. އަދި ރަސްގެފާނުންގެ އަރިހަށް ގޮސް، ޙަކީމުކަލޭގެފާނު ވިދާޅުވި ވާހަކަތައް ދަންނަވައިފިއެވެ. ރަސްގެފާނު މި ވާހަކަ އަޑުއައްސަވާފައި ވިދާޅުވެއްޖެއެވެ. "އަވަހަށް ތިޔަ ބޭސް ދިނުމުގެ ކަންތައް ފަށަންވީއެވެ. ބަލި ފަސޭހަވަނީ އެއް ސަމުސާގެ މިންވަރުން ކަމުގައި ވަންޏާ، ކޮންމެ މީހަކަށް ދެ ސަމުސާގެ މިންވަރު ދޭންވާނެއެވެ."

ރަސްގެފާނުގެ ވިދާޅުބަސްފުޅާއެކު ލަހެއްފަހެއް ނުވެ، ބޭސް ދިނުމުގެ އިންތިޒާމުތައް ހަމަޖެހިއްޖެއެވެ. ޙަކީމުކަލޭގެފާނުގެ އިރުޝާދާ ޚިލާފަށް، ކޮންމެ މީހަކަށް ދެ ސަމުސާގެ މަގުންނެވެ. އެންމެ ފުރަތަމަ ބޭސް ހިއްޕެވީ ރަސްގެފާނާއި، އަމީރުންނާއި، ވަޒީރުންނާއި ނަބީލުންނެވެ. ދެން އާންމުންނެވެ. މިހެން މިކަން ކުރަމުން ކުރަމުން ގޮސް، ބޭސް އަޅާފައި ހުރި ކަންވާރުގެ ދެބައިކުޅައެއްބައި ހުސްވުމުން މެނުވީ، މިވަރުގެ ބޭސްކޮޅަކުން ރަށުއެންމެނަށް މިރޭޓުން ބޭސްނުދެވޭނެކަން އެކަކަށްވެސް ރޭކައެއް ނުލިއެވެ. ދެން، މި ކަންތައް ބޮޑުވެގެން، ރަށުގެ ބޮޑުން އެއްވެ މަޝްވަރާކޮށްފައި ނިންމީ މިހާރު ހުރި ބޭސްކޮޅުގެ ތެރެއަށް ފެންއަޅާ ގިނަކުރުމަށެވެ. އަދި ބާކީ ތިބި މީހުނަށް އެއް ސަމުސާގެ މަގުން ބޭސް ދިނުމަށެވެ. ކޮންމެއަކަސް މިބައިމީހުން މިގޮތަށް މިކަންކޮށްލާ ނިންމާލައިފިއެވެ.

ހިތާމައަކީ، ފަހުން ބޭސްދެވުނު އެކަކަށްވެސް އޭގެ އެއްވެސް އަސަރެއް ނުކުރި ކަމެވެ. އަސަރެއް ނުކުރިތާގައި ބަލި ހައްތަހާވީ ބޮޑެވެ. ދެން، ހަދާނެ އިތުރު ގޮތެއް ނެތިގެން، އެއްކަލަ ދެމީހުން އަނެއްކާވެސް ޙަކީމުކަލޭގެފާނުގެ އަރިހަށް ދަތުރުހަދާފައި ހިނގައްޖެއެވެ.

ޙަކީމުކަލޭގެފާނުގެ އަރިހުގައި މިމީހުން ކަންތައްކުރި ގޮތުގެ ވާހަކަ ދެންނެވުމުން ހިނިފުޅުވަޑުވަމުން ވިދާޅުވެއްޖެއެވެ. "ކަލޭމެންގެ މައްޗަށް ތިޔަ ރޯގާއަށްވުރެ ބޮޑަށް ފާވެފައި އޮތް ބަލިމަޑުކަމަކީ ޖާހިލުކަމެވެ. ބަލަގަ އެ އެއްޗެއް ހުރިވަރަށްވުރެ އިތުރު ކަމަށް ލޯމައްޗަށް ދައްކާލާ ދައްކާލުމަކުން ހަގީގަތުގައި އެ އެއްޗެއް އިތުރުވާނެހޭ؟ ނޫނެކޭ. އެ އެއްޗެއްގެ އަސްލު، ތަގުދީރަކަށްވެސް، ކާއިނާތުގެ އުސޫލުތަކަކަށްވެސް، އަދި ކިއެއްތަ، ތަންދޮރު ފިލާ އިންސާނަކަށްވެސް އޮޅުވައެއް ނުލެވޭނެއެވެ. ދެން ތިޔަ ބޭސް ހެދޭނެ އިރުވަރަކާއި ދިމާވާނީ އަންނަ އަހަރުއެވެ. އެ ދުވަސް އަންނަންދެން ކަލޭމެން ރަށަށް ނުގޮސް މިރަށުގައި މަޑުކުރާށެވެ. އަދި، އަހަންނާއި، މިރަށުގެ އެހެނިހެން އިލްމުވެރީންގެ ފުށުން ދުނިޔޭގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައި ދަސްކުރާށެވެ. ތިޔަ ރަށަށް ޖެހިފައިވާ ބައްޔާއި، އަދި ޖެހޭން ހުރިހާ ބައްޔެއްގެ ފަރުވާއަކީ މިއީއެވެ."

ޙަކީމުކަލޭގެފާނުގެ އެދިލެއްވުމުގެ މަތިން މި ދެމީހުން އަހަރެއްވަންދެން އެރަށުގައި މަޑުކޮށްފިއެވެ. އަދި އެކިއެކި ފަންނުތަކާއި އިލްމުތައް ދަސްކޮށްފިއެވެ. އަދި، އަހަރު ދުވަސް ހަމަވުމުން ޙަކީމުކަލޭގެފާނު ތައްޔާރުކުރެއްވި ބޭސް ހިފައިގެން އެމީހުންގެ ރަށަށް އެނބުރި ހިނގައްޖެއެވެ. މިމީހުންނަށް އާދެވުނުއިރު ރަށުގައި ސަލާމަތުން ތިބީ މަދު މީސްކޮޅެކެވެ. ނަމަވެސް މި މީހުން އަލަށް ދަސްކުރި ކަންކަމުގެ އަލީގައި ކަންކަން ހިންގާން ފެށުމުން އިސާހިތަކު ރަށް އަލުން އާބާދުވެ، ފާގަތި ވެއްޖެއެވެ. ރަސްގެފާނު ވެސް މި މީހުންނާއި މެދު ވަރަށް ރުހިވަޑައިގެން، މަތީ މަގާމު ދެއްވާ، ރަށުގެ އެންމެންގެ މައްޗަށް ތައުލީމު ފެތުރުމުގެ ޒިންމާ ހަވާލުކުރައްވައިފިއެވެ. ކޮންމެއަކަސް، އޭގެ ފަހުން އައި ޒަމާންތަކުގައި މި ރަށް ވެގެން ދިޔައީ މަޝްހޫރު އެތައް އާލިމުންނާއި ބޭސްވެރިން އުފެދުނު ރަށަކަށެވެ.