Back

ހަނދުވަރުގެ ޢާޝިޤު

2021-06-08 . Written by Yameen

އަނދިރި ކުޑަކުޑަ ޖިފުޓިގަނޑުގައި ދެރަ މަގޭ ހުރި ބާގަނޑުން

ހަނދުގެ އަލި ދެމިގެންފިއޭ އަންގާލުމެއްނެތި މަޑުމަޑުން

.

އެކަނިވެރި އަހަރެން ދަމާލީމޭ ދެ އަތް ވީ އުފަލުގައި

އެކަމުވެސް ހަނދުވަރު އިޝާރާތޭ ކުރީ ދެ އަތާ ކނޑުން

.

ހޯހޮއޭ! ނާންނާށެ އިންސާނާއެ ގާތަށް އަހުރެނާ

ހޯދިއަސް އަހަރެން ނެތޭ މި ދެމެދު މިވާ ދުރުކަން ކެނޑުން

.

އަތް ތިބާއަކު ނުލެވެޔޭ މި ދެއަތް އެކީ ގުޅުވެން ނެތޭ

ހިތް އެހާ އެދުނަސް ނެތޭ ބަސް ބުނެލެވެން ވެސް ހަރު އަޑުން

.

ވީ މޮޅިން އެ ވަގުތު ހަނދުގެ އައްޔާ މުހާތަބުކށް ބުނިން

ހީ ނުކޮށްލާށޭ ތިހެން އެރުވޭނެޔޭ އަޒުމަށް ގުޑުން

.

ބޭރު ތެރެއަށް ނުކުމެ މަގުތަކުގައި ދެއަތް ވެސް ހޫރަމުން

ރޭރު ވެވިގެން ދުވެ ހެދީމޭ އޮއްސިދަންދެން ހަނދު އުޑުން

.

ނުލިބުނޭ ކުޑަ މިންވަރެއް ވެސް ހަނދުގެ ނަލަނަލަ އަލިކަމުން

ހުލިވެ ވަރު ދެ ކަކޫ ޖެހީމޭ އޮއްސިދަންދެން ހަނދު އުޑުން

.

އޮއްސެމުން ދިޔަ ހަނދުގެ ފަނޑުފަނޑު ދޯދިތައް މި ކަމާ ހެމުން

އިޝްޤަވީ ވާ މަސްތެކޭ ބުންޏޭ އިޝާރާތުގެ ބަހުން